ފަލަސްތީނާއެކު ދިވެހިން ޓެލެތޯން މާދަމާ

4 months ago

އަފްރާހް

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ބާއްވާ ޓެލެތޯން މާދަމާ ފަށާނެއެވެ.


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން "ފަލަސްޠީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޓެލެތޯން ކުރިއަށްދާނީ މާދަމާ ހެނދުނު 8 ން ރޭގަނޑު 12 ޖަހަންދެނެވެ. މި ޓެލެތޯން ފައްޓަވައިދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.


މި ޓެލެތޯންގެ އަދާހަމަ ދެއްވަމުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ހިއްސާކުރައްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މި ހާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި އެކަނިވެސް 13 ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ފަންޑު ފޮށިތައް ބެހެއްޓުމުގައި އާއްމުކޮށް މީހުން ޖަމާވާ ހިސާބުތަަކަށް އިސްކަންދެއްވާފައިވާ ކަމަށެވެ.


އެގޮތުން ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދާއި ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާ ބިލްޑިންގ ސަރަހައްދާއި އެސްޓީއޯ ބިލްޑިންގ ސަރަހައްދުގައި ފޮށި ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޕީއެލް، ސްޓެލްކޯ، ފެރީ ޓަރމިނަލްތައް، އެސްޓީއޯ ސުޕަރމާކެޓު ކައިރީގައޮ ފަންޑު ފޮށި ބަހައްޓާނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ޓީވީއެމް ގޯތިތެރޭގައާއި މިނޫން ސަަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


"މީގެތެރޭން ޓީވީއެމް ގޯތިތެރޭގައި ބަހައްޓާ ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮށްޓެއް ހުންނާނީ އިރުއޮއްސެންދެން. ޓީވީއެމް ގޯތިތެރޭގައި ބަހައްޓާ ފަންޑުފޮށި މާދަމާ ރޭ 10 ޖަހަންދެން ހުންނާނެ." ޒީނާ ވިދާޅުވިއެވެ.


ޒީނާ އިތުރަށް ވިދާޅުވީ ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ބަހައްޓާ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެ ކަމަށެވެ.


އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި، ދެ އެކައުންޓެއް ހުޅުވާފައިވާ ކަަމަށާއި ޓެލެތޯން ފެށުމާއެކު އެކައުންޓުތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު