ޗައިނީސް އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމުގެ ދަށުން އެމްއެންޔޫ އާއި އައިޔޫއެމްގެ ދަރިވަރުންނަށް ފައިސާގެ އެހީ

6 months ago

އަފްރާހް

އެމްއެންޔޫ އާއި އައިޔޫއެމްގެ 15 ދަރިވަރަަށް ޗައިނީސް އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމުގެ ދަށުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީއާއި ގުޅިގެން ޗައިނާގެ އެންބަސީިން ގްރާންޓް ހާސިލުކުރުމުގެ ފުރުސަތުތަކެއް ހުޅުވާލައި، އެކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ޖޫން 11 ވަނަ ދުވަހުއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމް ފަރާތުން ފަހުމުނާމައިގާ ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ. ޗައިނީސް އެންބަސީ ގެ ފަރާތުން ސޮއިކުރެއްވީ، އެމްބެސަޑަރ ވަންގ ލީޒިން އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.


މި ޕްރޮގްރާމަށް ޝަރުތުހަމަވެ، ހޮވޭ ކޮންމެ ދަރިވަރަކަށް ޖުމްލަ 10،000 ރުފިޔާގެ ގްރާންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.


ޗައިނީސް އެންބެސެޑަރ ބަރސަރީ އަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ ދަތިކަމުގެ ސަބަބުން ތައުލީމު ހާސިލުކުރުމަށް ދަތިވުމާއި އޯ ލެވެލް އަދި އޭ ލެވެލްގައި އިސްލާމް އާއި ދިވެހި މާއްދާ ހިމެނޭގޮތަށް 4 މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ. އަދި ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަރ އެއްގައިވެސް 3.0-3.5 ޖީ.ޕީ.އޭއާއި ދެމުދެގެ ނަތީޖާއެއް ލިބިފައިވުމާއި އައި.ޔޫ.އެމް/އެމް.އެން.ޔޫގައި ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ހުށަހަޅާ ދަރިވަރަކަށްވުން ވެސް ހިމެނެއެވެ.


މީގެއިތުރުން އެހެންއެއްވެސް ސްކޮލަރޝިޕެއް ނުވަތަ ކިޔެވުމަށްޓަކައި އެއްވެސް މާލީ އެހީއެއް ލިބޭ ދަރިވަރެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.


މި ޕްރޮގްރާމަކީ ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޗައިނާގެ މައުލޫމާތު މުއްސަނދިކުރުމާއި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތައުލީމު ހާސިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު