އެމްޑީޕީން މަގުޗާޓެއް އެކުލަވައިލަނީ

4 months ago

އަފްރާހް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހާއްސަ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.


ޖޫން 10 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ޗެއަރޕާރސަން ފައްޔާޟު އިސްމާއިލް ވިދާޅުވީ މަގުޗާޓުގެ ބޭނުމަކީ ހަރުދަނާ ސިޔާސީ ލީޑަރުން އުފެއްދުން ކަމަށެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި އަންނަ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާ ފައްޔާޟް ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.


މީގެއިތުރުން އެޕާޓީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ދިރުވާނެ ސިޔާސީ ލީޑަރުން މަގުޗާޓުގެ ދަށުން އުފައްދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންތިޚާބުތަކުގައި ޕާޓީއަށް ވޯޓު ލިބޭ މިންވަރު އިތުރުކުރަން ކުރެވޭނެ ކަންކަންވެސް މަގުޗާޓުގައި ހިމެނުން މުހިންމުކަމަށެވެ.


ފައްޔާޟު އިތުރަށް ވިދާޅުވީ މަގުޗާޓުގެ އެކުލަވާލާއިރު، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް ކުރިއަށް އޮތްތަނުގައި ހިއްސާކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު