ތައިލެންޑުގެ ބޭސްތަކެއްގައި ކެމިކަލް ހުރުމުން ސަމާލުވުމަށް އެމްއެފްޑީއޭ އިން އެދިއްޖެ

4 months ago

އަފްރާހް

ނުރައްކާތެރި ކެމިކަލް އެކުލެވޭ ބޭސްތަކެއް ހުރުމުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.


އެ އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ވަނީ ތައިލޭންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްގެ ބާވަތެއް ހުރުމުން އެ އެތެރެ ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.


ތައިލެންޑުގައި ބޭސް އުފައްދާ 'ސެވަން ސްޓަރސް ފާރމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށް އެ ބަޔާނުގައި ވެއެވެ.


މީގެއިތުރުން އެކަމުގެ ސަބަބުން މައްސަލަ ދިމާވި ބޭސްތައް ރެގިއުލޭޓް ކުރާ ތައިލެންޑުގެ އޮތޯރިޓީ ކަމަށްވާ 'ތައި އެފްޑީއޭ' އިން އެ ބޭސްތައް ރިކޯލް ކޮށް، އެކަން ވަނީ އެ އެމްއެފްޑީއޭ އާއި ހިއްސާ ކޮށްފައި ކަމަށް ވެސް ވިދާޅުވެއެވެ.


އެމްއެފްޑީއޭ އިން ނެރުއްވި ސަމާލުގެ ލިސްޓުގައި 15 ބޭހެއް އެކުލެވޭއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ދޭ ބޭސްތައް ވެސް ހިމެނެއެވެ.


ސެވަން ސްޓާސް ފާމަކިއުޓިކަލް ކުންފުނީގެ އެ ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.


އެގައުމަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް ކަމަށާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލޭންޑުން ބޭސް އެތެރެކުރަމުންދާ ކަމަށެވެ.


ހަމައެހެންމެ ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި، ފާސް ކުރަމުންދާނެ ކަމަށްވެސް އެ އެލާޓުގައި ވެއެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ގުޅާ މައުލޫމާތު ސާފު ކުރުމަށް އެދިފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު