އިސްލާމިކް މިނިސްޓަރ އާއި އަމީރުލް ހައްޖު، މައްކާގައި ތިބި ހައްޖުވެރިންނާ ބައްދަލު ކުރައްވައިފި

4 months ago

އަފްރާހް

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އަމީރުލް ޙައްޖު ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މައްކާގައި ތިއްބެވި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ.


ދިވެހި ޙައްޖާޖީން ތިއްބަވާ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ދިވެހި ހާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވެދުން އަރިސް ކުރައްވަމުން، ހާޖީންނަށް މަބްރޫރު ޙައްޖަށް އެދިވަޑައިގެންނެވިއެވެ.


ޙައްޖަށް ވަޑައިގެން އުޅުއްވާއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށް ޙައްޖާޖީންނަށް އިލްތިމާސް ކުރެއްވިއެވެ. މިވަގުތު ދިވެހި ޙައްޖާޖީން ތިއްބެވީ އަމިއްލަ ގައުމުން ބޭރުގައި، ނުވެސް ދަންނަން ބައެއްގެ ގާތުގައި ކަމަށްވާއިރު ހިތްހަމަނުޖެހޭ ބައެއް ކަންކަން ދިމާވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަމުގެ މައްޗަށް ކެތްތެރިވުމަށް ވިދާޅުވިއެވެ.


މާތްވެގެންވާ ޙައްޖު ދުވަހާއި ޙައްޖުވެރިންނާ ދެމެދު ތިން ހަތަރު ދުވަހަށް ވެފައިވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންވީ އަމިއްލަ ސިއްހަތަށްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޑޮކްޓަރުން ދެއްވާ އިރުޝާދާއި ޢިލްމުވެރިން ދެއްވާ އިރުޝާދުތައް އަޑުއައްސަވައި އެގޮތަށް ޢަމަލުކުރައްވަންވާނެކަމަށް ވިދާޅުވިއެވެ.


ވަޒީރު ވަނީ ޙައްޖުކޯޕަރޭޝަނުން ޙައްޖާޖީންނަށް ދެއްވާ ޚިދުމަތްތަކާއި ޙައްޖާޖީންނަށް ބޭނުންވާ އިންތިޒާމުތައް ފާހަގަކުރައްވާ އެކަމަށްޓަކައި އެ ކޯޕަރޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްސަކޮށް ދިވެހި ހާޖީން ތިއްބަވާ ހޮޓަލުން ދިވެހި ކެއުން ލިބެން ހުރުމާއެކު އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މިއާއެކު ދިވެހި ޙައްޖު މިޝަންގެ މަސައްކަތްތައް ވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.


މި ބައްދަލުވުމުގައި އަމީރުލް ޙައްޖު، ތަޢުލީމާބެހޭ ވަޒީރު ޑރ އިސްމާޢީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައިވެސް ޙައްޖުވެރިންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޙައްޖު ކޯޕަރޭޝަނުން ދިވެހި ޙައްޖުވެރިންގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.


މިއަަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރައްވަނީ ޖުމްލަ 1150 ޙައްޖުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު