ފަލަސްތީނާއެކު ދިވެހިން ޓެލެތޯން ފަށައިފި

4 months ago

އަފްރާހް

ފަލަސްތީނާއެކު ދިވެހިން ޓެލެތޯން ފަށައިފިއެވެ.


މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.


"ފަލަސްޠީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8 ން ރޭގަނޑު 12 ޖަހަންދެނެވެ.


މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ކުރިން ވިދާޅުވެފައިވަނީ މި ހާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި އެކަނިވެސް 13 ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ފަންޑު ފޮށިތައް ބެހެއްޓުމުގައި އާއްމުކޮށް މީހުން ޖަމާވާ ހިސާބުތަަކަށް އިސްކަންދެއްވާފައިވާ ކަމަށެވެ.


އެގޮތުން ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދާއި ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާ ބިލްޑިންގ ސަރަހައްދާއި އެސްޓީއޯ ބިލްޑިންގ ސަރަހައްދުގައި ފޮށި ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޕީއެލް، ސްޓެލްކޯ، ފެރީ ޓަރމިނަލްތައް، އެސްޓީއޯ ސުޕަރމާކެޓު ކައިރީގައޮ ފަންޑު ފޮށި ބަހައްޓާނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ޓީވީއެމް ގޯތިތެރޭގައާއި މިނޫން ސަަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


ޒީނާ އިތުރަށް ވިދާޅުވީ ޓީވީއެމް ގޯތިތެރޭގައި ކުޑަކުދިންގެ ހާއްސަ ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފޭސް ޕެއިންޓިންގ، ކުރެހުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ޒީނާ ވިދާޅުވިއެވެ.


މި ޓެލެތޯންގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު