ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯ އިން ބައިމިލިއަން ރުފިޔާ

4 months ago

އަފްރާހް

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނުގައި ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.


މި ފައިސާ ހަވާލުކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯނުގައެވެ.


ސްޓެލްކޯ އިން ވިދާޅުވީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ކުރާ ކުޑަ ހަދިޔާއެއް ކަމަށެވެ. އަދި މިފަދަ ކޮންމެ ހަރަކާތެއްގައި އެ ކުންފުނިން އިސްސަފަށް ނުކުންނާނެ ކަމަށެވެ.


ޕަލަސްތީނަށް މި އެހީ ވެފައިވާއިރު، މީގެކުރިން ވެސް އެ ކުންފުނިން ވަނީ ފަލަސްތީނަށް އެހީވެ، އެހެން ކުންފުނިތަކަށް ނަމޫނާ ދައްކާފައެވެ. އަދި އިޖުތިމާއީ ގިނަ ކަންކަމުގައި ސްޓެލްކޯ ވެފައިވަނީ ނަމޫނާ ކުންފުންޏަކަށެވެ.


"ފަލަސްޠީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޓެލެތޯން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ހަރަކާތް މިރޭ 12 ޖަހަންދެން ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ. އެ ފޮށިތައް ބަހައްޓާފައިވަނީ އާއްމުކޮށް މީހުން ޖަމާވާ ހިސާބުތަަކަށް އިސްކަންދީގެންނެވެ.


އެގޮތުން ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދާއި ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާ ބިލްޑިންގ ސަރަހައްދާއި އެސްޓީއޯ ބިލްޑިންގ ސަރަހައްދުގައި ފޮށި ބަހައްޓާފައި ވެއެވެ. އަދި އެމްޕީއެލް، ސްޓެލްކޯ، ފެރީ ޓަރމިނަލްތައް، އެސްޓީއޯ ސުޕަރމާކެޓު ކައިރީގައި ވެސް ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.


މީގެއިތުރުން ޓީވީއެމް ގޯތިތެރޭގައި ވެސް ފަންޑުފޮށި ބަހައްޓާފައިވާއިރު، އަތޮޅުތެރޭގެ ރަށްތަލުގައި ވެސް ފަންޑުފޮށިތައް ބަހައްޓައިގެން ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ހަމަމިއާއެކު އޮންލައިންކޮށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ދިވެހި ރުފިޔާ އިން ނަމަ 7730000655865 އަށް އަދި ޑޮލަރުންނަމަ 7730000655866 އަށް ފޮނުވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު