ދިއްފުށީގައި ގާއިމްކުރާނީ އެންމެ ޒަމާނީ އިންޖީނުގެއެއް: ފަހުމީ

4 months ago

އަފްރާހް

ކ. ދިއްފުށީގައި އަލަށް ގާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެރަށު އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުންނެވެ.


އެރަށު އިންޖީނު ގޭގެ މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަގީންްކަން އޮތް ކަމަށް ވިދާޅުވެ، އެމްޑީ ވަނީ ދިއްފުށީގައި މިހާރު ހިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ކަމުން ރައްޔިތުންނަށް އޭގެން އުނދަގޫތަކެއް ވަމުންދާކަން ފާހަގަކުރައްވާފައެވެ.


އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަހައްދެއްގައި އަލަށް ގާއިމްކުރެވިގެންދާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއަކީ ސީދާ ސްޓެލްކޯގެ ޚަރަދުގައި ކުރިއަށްދާ މަޝްރޫޢުއެއް ކަމުން، މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ފަހުމީ ވިދާޅުވީ ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާޙައުލު އޮންނާނެ ކަމަށެވެ.


މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ދިއްފުށި ތަމްޞީލުކުރައްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ ކަރަންޓުގެ ޚިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި އެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ.


ނަޞީމް ވިދާޅުވީ ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ޚިދުމަތްދޭން ފެށޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.


މީގެ އިތުރުން މި ރަސްމިއްޔާތުގައި ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.


ބިންގާ އެޅި އިންޖީނުގެއަކީ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ޚިދުމަތް ފުޅާކުރެވޭނެ ފަދައިން ޤާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެކެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމްއެވެ.


ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދާނެއެވެ.


ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ހަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.


މި މަޝްރޫޢުގެ ތެރެއިން ކުރިއަށްއޮތް ފަސްއަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ޕްލެޖްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު