ޓެެލެތޯން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އިރުއޮއްސި 6 ޖަހަންދެން

4 months ago

އަފްރާހް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.


އެގޮތުން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެ ފުރުސަތު މިހާރުވަނީ ދަންމާލާފައެވެ.


މިގޮތަށް ނިންމާފައިވަނީ ޖޫން 12 ވަނަ ދުވަހު އެ ފަންޑަށް ފައިސާ ޓްރާންސްފަރ ކުރުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު ވަގުތު އިތުރުކުރުމަށް އެދިފައިވާތީއެވެ. އަދި އޭޓީއެމް ނުހުންނަ ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން އެއްކުރި ފައިސާ ޖަމާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.


އެހެންކަމުން މި ޓެލެތޯންގެ ލައިވް ކަވަރޭޖު ރޭ ދަންވަރު 12 ޖެހިއިރު ނިންމާލާފައިވީނަމަވެސް ފަލަސްތީނު ފަނޑަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެއެވެ.


އެ ފަންޑަށް ރޭ ދަންވަރު 12 ޖެހުމާއި ހަމައަށް 13،133،927 (ތޭރަ މިލިއަން އެއް ލައްކަ ތިރީސް ތިން ހާސް ނުވަސަތޭކަ ހަތަވީސް ރުފިޔާ) އާއި 33،693.42 ޑޮލަރު ފަނޑަށް ލިބިފައިވާކަމަށް ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ.


މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 13 ފަންޑު ފޮށީގެ ތެރެއިން ގިނަ ފަނޑުފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.


މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ދިނުމަށް ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު