އެންސީއޭ އިން މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

4 months ago

އަފްރާހް

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން ގިނަ ހަރަކާތްތަކާއެކު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރުމަށް ނިންމައިފިއެވެ.


މި ހަރަކާތްތައް ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާއިރު، މި ހުރިހައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.


މިގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ޖޫން 15 ވަނަ ދުވަހުގެ ރޭ "ވެދުމާ ދިޔުން"ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް އޮންނާނީ އެރޭ 9 ޖަހާއިރުއެވެ.


ވެދުމާ ދިޔުމަަކީ އިހުގައި ކާބަފައިން އެއިރެއްގައި އެރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަކަށް ކިޔާ ނަމެކެވެ.


މިހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.


އިތުރު ހަރަކާތްތަކުގެ ތެރޭގައި އަޟްހާ އީދު ދުވަސް ކަމުގައިވާ ޖޫން 16 ވަނަ ދުވަހު 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހެނދުނު 7 ޖަހާއިރު، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 8 ޖަހާއިރު މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީދު ދުވަހުގެ ހަވީރު 4 ޖަހާިއރު، މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން ރޭގަނޑު 9 ޖަހާއިރު، ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖޫން 17 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު އާޓިފިޝަލް ބީޗާއި ރަސްފަންނުގައި ފެންކުޅިކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މިއީ ފަހުގެ ތާރީހެއްގައި މާލޭގައި މިހައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު