ރާއްޖޭގެ އިސްތިގުލާލަށް އިހްތިރާމުކޮށް، އެއްބާރުލުން ދޭނަން: ޗައިނާ

4 months ago

އަފްރާހް

ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާ ކަމުގައި، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ އެމަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުޞަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް އިޝާރާތްކުރެއްވިއެވެ.

ވައިސް ޗެއާމަން، ބާޓަރ، ވަނީ ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސް އަށް އަރިސްކުރައްވައި، ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސް އަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ދެގައުމުގެ ޒަމާންވީ ގުޅުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިގްލާލަށް އިހްތިރާމްކޮށް، އެއްބާރުލުން ދީ، ދެގައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަން ތަކުރާރުކުރެއްވިއެވެ.

ހަމަމިއާއެކު 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ދާދިފަހުން ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ގާތްވެ، ރަހްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ އެކުގައި ގާތްކޮށް މަސައްކަތްކުރުމަށް ދެ ގައުމުން ވެސް ވަރަށް ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު