އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ޔުނިސެފްގެ ތައުރީފް

4 months ago

އަފްރާހް

އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވަރޑް އަޑާ، ތައުރީފް ކުރައްވައިފިއެވެ.


އެމަނިކުފާނު މި ތައުރީފް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ޖޫން 13 ވަނަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.


ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަނާގެ ހިންގުންތެރިކަމަށް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި އެކަމަނާގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.


މީގެއިތުރުން އިޖުތިމާއީ ހިދުމަތްތަކަށާއި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވަނީ ތައުރީފު ކުރައްވާފައެވެ.


ފައިބެއަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި "ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން" ގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި، އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވިއެވެ.


ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްގީއާ ގުޅޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު