6 months ago
ފައިބެެހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަށް ބަދަލެއް ނާންނާެ ކަމުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ މި ހިނގާ ޖޫން މަހުގެ މެދުތެރެއިން ބޮޑު އީދު ޗުއްޓީއާ ދިމާވިނަމަވެސް، ޓެކްސް ބަޔާން ހުށަހަޅައި، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
އެހެންކަމުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހައި ފަރާތްތަކުން ވެސް 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭތޯ ބެލުމަށްފަހު، ސުންގަޑިއަށް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެއިތުރުން ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި މާލީ ހިސާބުތައް އޮޑިޓްކޮށް، އިންކަމް ޓެކްސް ބަޔާނާއިއެކު އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން މި ލިޔެކިއުންތައް ދުރާލާ ތައްޔާރުކޮށް، ސުންގަޑިއައް ބަޔާން ހުށަހެޅޭނެ ގޮތަށް މަސައްކަތްތައް ރާވާ ތަރުތީބުކުރުމުގެ މުހިންމުކަން ވެސް މީރާ އިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބަލަން ބޭނުންވާ ފަރާތްތަކުން، މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑު މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވޭނެކަމަށް އެފަރާތުން ވިދާޅުވެއެވެ. އަދި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން، ނުވަތަ މީރާގެ އީމެއިލް އެޑްރެސް 1415@mira.gov.mv އަށް އީމެއިލް ކުރައްވައިގެން ބަޔާން ތައްޔާރުކުރުމަށް އެހީ ހޯދުމަކީ މީރާގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ފާހަގަޖުރައްވައެވެ.
2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން މީރާއިން ދަނީ މިވަގުތު ވެސް ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.