ނޫސްވެރިޔާ އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހި، އައިސީޔޫގައި ފަރުވާދޭން ފަށައިފި

4 months ago

އަފްރާހް

ނޫސްވެރިޔާ އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހި، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.


'އޮއިވަރު' އަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އަށް ސްޓްރޯކް ޖެހުނީ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް އިސްމާއިލްގެ އުފަން ރަށް ކަމުގައިވާ ބ. އޭދަފުއްޓަށް ގޮސް ހުއްޓައެވެ.


އެއީ މި ޖޫން މަހު 21 ވީ ހުކުރު ދުވަހުގެ ރޭ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.


"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގަ އިއްސެގެ މެޔަށް ތަދުވާން ފެށީ. އެއީ ރޭ އިރާކޮޅު. ދެން އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ސްޓްރޯކެއް ޖެހިފަކަން." އޭދަފުށިން ވާހަކަ ދެއްކީ މީހަކު 'އޮއިވަރު' އަށް ބުންޏެވެ.


މީގެއިތުރުން އޭނާ ބުނީ ރޭގެ ވަގުތެއްގައި ލޯންޗުން މާލެ ގެންނަން މަސައްކަތްކުރި ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އިސްމާއިލް މާލެ ގެނައީ އެއަރ އެމްބިއުލާންސްގައި ކަމަށެވެ. އަދި މިހާރުފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް އޭނާ ބުންޏެވެ.


އިތުރަށް އޭނާ ބުނީ އިސްމާއީލް ނަސީރުގެ ހާލު އަދި ސީރިއަސް ކަމަށާއި ސިކުނޑީގެ އެއްފަޅިއަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނޭކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.


އިސްމާއީލް ނަސީރު އާއްމުނަށް އެންމެ ފުރަތަމަ ތައާރަފްވީ ދުވަހު ނޫސް "އާފަތިސް" ގައި މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުންނެވެ. އަދި 'ހަވީރު' ނޫހުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާއިރު، އޭނާ މިވަގުތުހުންނެވީ 'މިހާރު' ނޫހުގެ މެނޭޖިންގ އެޑިޓަރގެ މަގާމުގައެވެ.


އެންމެންނާވެސް ގުޅޭ، އެނގިހުރި މައުލޫމާތެއް އެހެންމީހުންނަށް ފޯރުކޮށްދިނުމުގައި އިސްކަމެއް ދެއްވާ އިސްމާއިލް ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ނޫސްވެރިކަމުގެ "ރަން" ގަލަން ވެސް ހާސިލުުރައްވާފައެވެ. 


އިސްމާއިލް ނަސީރަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް 'އޮއިވަރު' މީޑިއާގެ މުވައްޒަފުންނާއި މެނޭޖުމެންޓުން ދުޢާ ކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު