މިނިސްޓަރ ސައީދު އިންގްލެންޑަށް

5 months ago

އަފްރާހް

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިންގްލެންޑަށް ފުރާވަޑައިގެންފިއެވެ.


މިއީ ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓުމަންޓް ރައުންޑް ޓޭބަލް ގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ކުރައްވާ ދަތުރެކެވެ.


އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މާލީ ބާޒާރެއް ގާއިމު ކުރުމަށް އެގައުމުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.


މީގެއިތުރުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


އެގޮތުން އެގައުމުގެ މާލީ ހިދުމަތް ދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކުރެއްވުމަށް ނިންމާފައިވާއިރު، ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމާއި މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗަރ އާއި ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.


މިނިސްޓަރ ސައީދުގެ މި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އަދި އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސަރވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު