ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހެލިކޮޕްޓަރ ދުއްވީ ހުއްދަ ހޯދައިގެން: އިންޑިއާ

5 months ago

އަފްރާހް

ރާއްޖޭގައި ހުރި އިންޑިއާގެ ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް، ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށް އިންޑިއާ ސަރުކާރުން ވިދާޅުވެއްޖެއެވެ.


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުއްވި ބަޔާނެއްގައެވެ.


އެ ހައިކޮމިޝަނުން މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައިއެން-706 މަރުކާގެ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަ ނެތި ދަތުރުކޮށްފައިވާކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެފައިވަނިކޮށްނެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތަފުސީލު ދެއްވުމަށް މެއި 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާ ގުޅިގެން އެމަހުގެ 17 ވަނަ ދުވަހު ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ކަނޑުގެ ސިފައިންގެ ކޮމާންޑަރަށް ސިޓީއެއް ވެސް ފޮނުވާފައި ކަމަށް ވިދާޅުވިއެވެ.


އެސިޓީގައި ތިމަރަފުށީގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރު ޖެއްސި ކަމަށް ހެލިކޮޕްޓަރު ދުއްވަން އިން ސީނިއަރ ޕައިލެޓް ލެފްޓިނެންޓް ކޮމާންޑަރު ވިނޯދު އެކަމަށް އެއްބަސްވެފައިވާ ކަމަށާއި އެގޮތަށް ހެލިކޮޕްޓަރު ޖެއްސުމުން އެއަރޕޯޓުގެ އޮފިޝަލުން ވަނީ ކޯސްޓްގާޑް އޭވިއޭޝަނަށާއި އެމްއެންޑީއެފްގެ އިސްވެރިންނަށް ޝަކުވާކޮށްފައި ކަމަށް އެ ސިޓީގައި ވެއެވެ. އަދި އެފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ.


މިކަމާއިގުޅިގެން އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ އެ ދުވަހު ތިމަރަފުށްޓަށް ކުރި ދަތުރަކީ ވެސް، އެމްއެންޑީއެފްގެ ހުއްދައާ އެކު ކުރި ދަތުރެއްކަމަށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމަރަފުށީ އެއަރޕޯޓުގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ކުއްލި ހާލަތެއް ދިމާވެގެން ކަމަށް ވެސް ބަޔާންކޮަށްފައި ވެއެވެ.


ހަމަމިއާއެކު އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް އެއަރ ޓްރެފިކް ކޮންޓްރޯލުން ވެސް ހޯދި ކަމަށާއި އެ ދުވަހުގެ ހާދިސާގައި ތިމަރަފުށްޓަށް ޖެއްސީ ހެލިކޮޕްޓަރާއި ކްރޫއިންގެ ސަލާމަތަށް ބަލައި، ކޮންމެހެން އެމަޖަންސީކޮށް ޖައްސަން ޖެހިގެން ކަމަށް ވެސް ހައިކޮމިޝަންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު