މާފުށީ ޖަލުގައި ހުރި ގައިދީއެއް ނިޔާވެއްޖެ

3 months ago

އަފްރާހް

މާފުށީ ޖަލުގައި ހުރި ގައިދީއެއް ނިޔާވެއްޖެއެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، މުޙައްމަދު ޖަމީލް ކަމަށެވެ. އަދި އުމުރުން 45 އަހަރުގެ ޖަމީލަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިނުމުން ވެސް ބަދަލެއް ނައުމުން މިއަދު މެންދުރު 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.


އެހެންނަމަވެސް 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވެއެވެ.


ކަރެކްޝަންސް އިން އިތުރަށް ވިދާޅުވީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ޖަމީލިގެ މަރުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު