އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރޭ

3 months ago

އަފްރާހް

ރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އެހެންކަމުން އެ ޚިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ޚިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ.


އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.


އެގޮތުން ނައިބު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްގީ ކުރުމުގައި ވެސް އިސްދައުރެއް އަދާކުރެއްވިއެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު