އިސްލާމް ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ދަނީ ފެތުރެމުން

3 months ago

އަފްރާހް

އިސްލާމް ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ދަނީ ފެތުރެމުން ކަމުގައި ހުކުރު ހުތުބާގައި ފާހަގަކޮށްފިއެވެ.


"އިސްލާމް ދީނުގައި، ދަތި، އުނދަގޫ އެއްވެސް ކަމެއް ލައްވައިފައެއް ނުވެއެވެ." މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.


އެގޮތުން މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެކަމަށެވެ.


މީގެއިތުރުން ކައިވެނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެ ކަމަށާއި އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމަށް ވެސް ބުނެފައިވެއެވެ.


ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަކީ ހަރުކަށިކަމާއި ގުޅުން ނޫން ކަމަށެވެ. އަދި ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.


ހަމަމިއާއެކު ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.


އެހެންނަމަވެސް މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމާއި ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު