ފޮރިން މިނިސްޓަރ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

3 months ago

އަފްރާހް

ރާއްޖޭގެ ފޮރިން މިނިސްޓަރ މުސާ ޒަމީރު، އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.


އެމަނިކުފާނު މި ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގަތީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ހަތަރު ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ.


އެގޮތުން އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި އެގައުމުގެ ސަރުކާރުގެ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވެލްއާއި ވޮޝިންޓަންގައި ވަނީ ބައްދަލު ކުރައްވާފައެވެ.


މި ބައްދަލުވުންތަކުގައި ދެގައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެ ގައުމުގެ މަސްލަހަތު އޮތް ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި އެގައުމުގެ މަޝްހޫރު ތިންކް ޓޭންކް ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަންކަމާއި، ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.


މީގެ އިތުރުން ވޮޝިންޓަނު ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާ ވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.


ހަމަމިއާއެކު ނިއުޔޯކަށް ވަޑައިގެން އދ. ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާފައިވާއިރު، ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އދ ސެކެރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝްއާއި އދ. އަންޑަސެކްރެޓަރީ ޖެނެރަލް ފޯ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖިންހުއާ އާވެސް ބައްދަލުކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު