އިސްމާއިލް ނަސީރު، އިތުރުފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދަނީ

3 months ago

އަފްރާހް

ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުން އަންނަ "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު (އިއްސެ) އިތުރުފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމައިފިއެވެ.


'އޮއިވަރު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްސެ އިތުރުފަރުވާ އަށް ގެންދަނީ އިންޑިއާ އަށެވެ.


އޭނާ އަށް ސްޓްރޯކް ޖެހުނީ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް އިސްމާއިލްގެ އުފަން ރަށް ކަމުގައިވާ ބ. އޭދަފުއްޓަށް ގޮސް ހުއްޓައެވެ. އެއީ މި ޖޫން މަހު 21 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.


މި ހާދިސާއާއި ގުޅިގެން ހަމައެރޭ، ލޯންޗެއްގައި އޭނާ މާލެ ގެންނަން މަސައްކަތްކުރި ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އިސްމާއިލް މާލެ ގެނައީ އެއަރ އެމްބިއުލާންސްގައި ދަރަވަންދޫ މަގުންނެވެ. އަދި މިހާރުފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.


ދުވަހު ނޫސް "އާފަތިސް" ގައި މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުން އިސްމާއީލް ނަސީރު އާއްމުނަށް ތައާރަފްވީ އިއްސެއަކީ ނޫސްވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ފަރާތެކެވެ. އޭނާ 'ހަވީރު' ނޫހުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާއިރު، އޭނާ މިވަގުތުހުންނެވީ 'މިހާރު' ނޫހުގެ މެނޭޖިންގ އެޑިޓަރގެ މަގާމުގައެވެ. އަދި އޭދަފުށި ޓައިމްސްގެ ފައުންޑަރުންގެ ތެރޭގައި ވެސް އިއްސެ ހިމެނެއެވެ.


އެންމެންނާވެސް ގުޅޭ، އެނގިހުރި މައުލޫމާތެއް އެހެންމީހުންނަށް ފޯރުކޮށްދިނުމުގައި އިސްކަމެއް ދެއްވާ އިސްމާއިލް ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ނޫސްވެރިކަމުގެ "ރަން" ގަލަން ވެސް ހާސިލުުރައްވާފައެވެ.


'އޮއިވަރު' މީޑިއާގެ މުވައްޒަފުންނާއި މެނޭޖުމެންޓުގެ ދުޢާ އަކީ އިސްމާއިލް ނަސީރަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު