ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަނީ

3 months ago

އަފްރާހް

މާފުށި ޖަލުގައި ހުއްޓާ ނިޔާވީ ށ. ފުނަދޫ ޒަމާނީ ވިލާ، މުޙައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލުތަކުގައި ގައިދީން ނިޔާވުމުން، ނިޔާވި ސަބަބު ދެނެގަތުމަށް ކަރެކްޝަންސްގެ އިންސްޕެކްޓަރު އަބަދު ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށެވެ. އަދި އިތުރަށް ޝައްކު އުފެދޭނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށެވެ.


މީގެއިތުރުން އާއިލާގެ ރުހުން އޮތް ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ. އަދި ޖަމީލް ހުރީ އެންމެ ފަހު ވަގުތު ވެސް ނަމާދަށް ކަން، ޖަލުގައި ހުރި ސީސީޓީވީ ކެމެރާތަކުން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.


" ޖަލު އޮފިސަރުން ހެނދުނު ގޮޅިތައް ބަލައި ފާސްކުރަމުން ދިޔަ ވަގުތު ޖަމީލް ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގަ އޮއްވާ. ޖަމީލް ނިޔާވި މައްސަލަ ތަހްގީގުކުރާ ހުރިހާ އިދާރާތަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާކުރާނަން." މިނިސްޓަރ ވިދާޅުވެފައި ވެއެވެ.



 


އުމުރުން 45 އަހަރުގެ ޖަމީލުގެ މަރާއިގުޅޭގޮތުން ކަރެކްޝަންސް އިން ވިދާޅުވެފައިވަނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިނުމުން ވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި ޖޫން 28 ވީ ހުކުރު ދުވަހު 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.


އެހެންނަމަވެސް 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވެއެވެ.


ކަރެކްޝަންސް އިން އިތުރަށް ވިދާޅުވީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ޖަމީލުގެ މަރުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު