5 months ago
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މާފުށި ޖަލުގައި ނިޔާވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ނުހަދައި އޭނާގެ ހަށިގަނޑު ވަޅުލައިފިއެވެ.
އޭނާގެ ހަށިގަޑުގެ ޕޯސްޓުމޯޓަމް ނުހެދީ އާއިލާއިން ދެކޮޅު ހެދުމުންނެވެ.
ޖޫން 28 ވީ ހުކުރު ދުވަހު ނިޔާވި ޖަމީލުގެ ޖަނާޒާ ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހު ބޭއްވުމަށް ނިންމާފައިވަނިކޮށް ރޭ މެންދަމު 12 ޖަހާކަންހާއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަަމަށެވެ. އަދި އާއިލާގެ ހުއްދަ އާއެކު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެެހެންކަމުން ޖަމީލު ވަޅުލުމަށް ކަފުން ވެސް ކޮށްފައި އޮއްވައި، ގިނަ އަދަދެއްގެ ފުލުހުން ވަނީ ހުޅުމާލޭ ސަހަރާ އަށް ގޮސް ވަނީ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ ގެންދަން އުޅެފައެވެ. އެކަމަކު އާއިލާ އިން ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދާފައެވެ. އެއީ މައްޔިތާގެ ކަފުން މޮހައިލުމަކީ ދީނީ ގޮތުން ވެސް ރަނގަޅު ކަމަކަށް ނުވާތީއެވެ.
އުމުރުން 45 އަހަރުގެ ޖަމީލުގެ މަރާއިގުޅޭގޮތުން ކަރެކްޝަންސް އިން ވިދާޅުވެފައިވަނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިނުމުން ވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި ޖޫން 28 ވީ ހުކުރު ދުވަހު 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.
އެހެންނަމަވެސް 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވެއެވެ.