ޖަމީލުގެ ހަށިގަނޑުން ފެންނަންހުރީ ބަޔަކު ކޮށްފައިވާ އަނިޔާތަކެއް ނޫން: ޕޮލިސް

3 months ago

އަފްރާހް

މާފުށި ޖަލުގައި ހުއްޓާ ނިޔާވި . ފުނަދޫ ޒަމާނީ ވިލާ، މުޙައްމަދު ޖަމީލްގެ ހަށިގަނޑުން ބައެއް ނިޝާންތައް ހުރިނަމަވެސް އެއީ ގަސްތުގައި ބަޔަކު އަނިޔާއެއް ދީފައި ކަމުގައި ނުބެލެވޭ ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ ހިދުމަތުން މިފަދައިން ވިދާޅުވީ އުމުރުން 45 އަހަރުގެ ޖަމީލުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް މިހާރުކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ސަޖިދައިގައި އޮތް އިރު ޖަމީލުގެ އަންގައިންނާއި ނޭފަތުން ފޮނު އައިސްފައިވާ ކަމަށެވެ. އަދި ވަޅުލުމަށް އާއިލާއާއި ހަށިގަނޑު ހަވާލުކުރީ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެޗްއާރްސީއެމްއާއި އެންއައިސީން ވެސް ބަލަންޖެހޭ ކަންކަން ބަލައި އެފަދަ ކަމަކަށް ޝައްކު ނުކުރެވޭތީ ކަމަށެވެ.


އެހެންނަމަވެސް އާއިލާއާއި ހަށިގަނޑު ހަވާލުކުރިފަހުން ފޮޓޯތައް ދައުރުވާން ފެށުމުން މިނިސްޓަރުގެ އިޒުނައާއެކު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވެ އާއިލާއާއި މަޝްވަރާކުރި ކަމަށް ވިދާޅުވިއެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ގަބޫލު ނުވިކަމަށް ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މިހައިތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ މީހަކު އޭނާއަށް ދިން އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ގިނައިރު އެގޮތަށް އޮތުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކެއް ކަަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައިވާ ކަމަށާއި އެއީ ވެސް އެހައި ގިނައިރު އެއްގޮތަކަށް އޮތުމުން މެދުވެެރިވި ކަމެއް ކަމުގައި ސާމިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު