5 months ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކުރައްވާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުގެ ވިދާޅުވީ މި މުބާރާތް ބޭއްވޭ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރައްވާނެ ކަމަށެވެ. އަދި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށެވެ.
އެހެންކަމުން، މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމެއް ބިނާކުރެއްވުންކަމުގައި ވެސް ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން މި ވޭތުވި ހަތް މަސްދުވަހުގެ ތެރޭގައި އިތުރުކުރައްވާފައިކަމަށް ވެް ވިދާޅުވިއެވެ.
އެގޮތުން ކީރިތި ޤުރުއާން ކިޔަވާ ޒުވާން ކުދީންނާއި ކުޑަކުދީންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ޤުރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ހުޅުވައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޤުރުއާން ކިޔަވައިދޭ އަދި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާ އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް" އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ވަނީ ޤުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކި ޤުރުއާން ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔަވަން ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތްކުރެއްވުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ހަމަމިއާއެކު ޤުރުއާން ކިޔަވާ ކޮންމެ ވަގުތެއްގައި ވެސް ތަރުތީލު މަގުން ކިޔެވުމަށް ސަމާލުކަންދޭންވާނެ ކަމަށާއި ޤުރުއާން ކިޔެވުމާއިއެކު ޤުރުއާން ތަދައްބުރުކުރުމަކީ ވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.