މަހަކު ތިން ފޮތަށްވުރެ ގިނައިން ޤުރްއާން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓު މަނީއެއް ދެނީ

3 months ago

އަފްރާހް

މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ޕޮކެޓު މަނީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ބެއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ޕޮކެޓު މަނީ ދޭނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ކަމަށެވެ.


މީގެއިތުރުން ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށްވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.


މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއް ކަމަށާއި އެ މަދަރުސާ އިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.


އިސްލާމިކް މިނިސްޓަރ ވަނީ މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަން ފާހަގކުރައްވައި، ކޮންމެ އަހަރަކު ވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.


އެގޮތުން މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.


ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު