އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް އިސްރަށްވެހިންނަށް

3 months ago

އަފްރާހް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް އިސްރަށްވެހިންނަށް ބާއްވައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން އިސްނަންގަވައިގެން މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓްރެއިނިންގ ސްކޫލުގެ މުދައްރިބުންނެވެ.


އެ ވުޒާރާ އިން ވިދާޅުވީ މި ޕްރޮގްރާމުގައި ގޭތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި ގޭސް ފުޅި ގުޅާނެ ގޮތް ކިޔައިދީފައިވާ ކަމަސެވެ. އަދި ގޭސް ލީކުވާނަމަ އެކަން ދެނެގަނެ، އަލިފާން ނިވާނެ ގޮތް ވެސް ދަސްކޮށްދީފައިވާ ކަމަށެވެ.


މިފަދަ ހާއްސަ ތަމްރީނުތަކުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅި، އަލިފާނުން ރައްކާތެރިވުމާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަން ޕްރޮގްރާމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.


ޓީމް ބިލްޑިންގ ހަރަކާތްތަކާއި ޕިކްނިކް ހަރަކާތެއް ވެސް ހިމެނޭހެން ވިލިމާލޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 32 ފަރާތެއްވަނީ ބައިވެރިވެފައެވެ.


މި ތަމްރީނު ހިންގުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ބައިވެރިވެ އެއްބާރުލުން ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި 750 މީހުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު