ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ބޮޑު އޮޕަރޭޝަނެއް

3 months ago

އަފްރާހް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ މިއަހަރުގެ މިހައިތަނަށް ހިންގި އެންމެބޮޑު އޮޕަރޭޝަން ކަމަށެވެ.


މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަޔާންނަގާފައިވާކަމަށް ވިދާޅުވިއެވެ.


މީގެތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ހާމަކުރެއްވިއެވެ.


މިދިޔަ ޖޫން މަހުގެ 29 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެނެވުނު ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން ފުރުވާލެވިފައެވެ.


އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.


ކިޔުންތެރިންގެ ހިޔާލު