7 months ago
ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އެގޮތުން ހެލްތު، ސްޕޯޓްސް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ކުރިއަރުވަން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އައު އުފެއްދުންތައް އެ ދާއިރާއަށް ތައާރަފްކޮށް އެކަމުގެ ފީސިބިލިޓީ ހެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ މަޝްރޫއުތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު ދައުލަތުގެ ބަޖެޓަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބެނީ އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ކަމަށާއި އެ އަދަދު ކުރިޔަށް އޮތް ހަތަރު އަހަރުތެރޭ އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެގޮތުން 2027 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓަށް ހަ ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯއްދަވައިދެއްވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ވިދާޅުވިއެވެ.