ހަ ގައުމެއްގެ ސަފީރުން ރައީސް ޑރ. މުއިއްޒު އަށް ފަތްކޮޅު އަރުވައިފި

3 months ago

އަފްރާހް

ހަ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، އެބޭފުޅުންގެ ސަފިރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.


ރައީސް އަށް ފަތްކޮޅު އަރުވާފައިވަނީ ސްރީލަންކާ، ނޭޕާލް، އެރިޓްރިއާ، ކޮލޮމްބިއާ، ޕިލިޕީންސް އަދި އިޓަލީން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ. ސަފީރުން ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ރައީސް އޮފީހުގައި ވަކިވަކީންނެވެ.


ލަންކާގެ ސަފީރު ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަރދެނާ އާއެކު މަޝްވަރާ ކުރެއްވި ކަންކަމުގެތެރޭގައި ތައުލީމާއި ސިއްހީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ދެގައުމުގެ ދެމެދު އިންވެސްޓްމަންޓް އިތުރުކުރުމާއި އިގްތިސާދީ ހަރަކާތްތައް އިތުރުކުރުން ހިމެނެއެވެ. އަދި ރައީސް ވަނީ ތަޢުލީމީ ދާއިރާއިން ލަންކާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ވަކިން ހާއްސަގޮތެއްގައި ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ގެނައުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.


ނޭޕާލުން ވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، ރައީސް ވަނީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށާއި ހާއްސަކޮށް ސިއްޙީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. ނެޕާލުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ހިޒް އެކްސަލަންސީ މރ. ބަޝޫ ދޭވް މިޝްރާ އެވެ.


އެރިޓްރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ އަލެމް ސަހާއި ވުލްދެމާރިއަމް އާއެކު ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމާއި އިގްތިސާދާއި ވިޔަފާރި ކުރިއެރުވުމާއި ބައިނަލްއަގްވާމީ ފެންވަރުގައި އެކިއެކި ދާއިރާތަކުގައި އެއްބާރުލުންދިނުން ހިމެނެއެވެ.


މީގެއިތުރުން ކޮލޮމްބިއާގެ ސަފީރު ހިޒް އެކްސަލަންސީ ޑޮކްޓަރ ވިކްޓަރ އެޗެވެރީ ޖަރަމިލޯ އާ ބައްދަލުކުރައްވައި، ވަނީ މަތީ ތައުލީމުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި އިޢާދަކުރުވެނި ހަކަތައިގެ ބޭނުން ކުރެވޭނެ ގޮތްތަކަށް މަޝްވަރާ ކުރައްވާފައެވެ.


ފިލިޕީންސުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ހިޒް އެކްސަލަންސީ، ލިއޯ ޓީޓޯ އެލް. އައުސަން، ޖޫނިއަރ އެވެ. އެމަނިކުފާނާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވައި، ވިޔަފާރި އާއި އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަމާއި ގުލޭގޮތުން މަޝްވަރާ ކުރެއްވިއެވެ.


އިޓަލީގެ އައު ސަފީރު، ހިޒް އެކްސަލަންސީ ޑެމިއާނޯ ފްރެންކޮވިގް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެކުގައި މަސައްކަތް ކުރުމާއި މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.


މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު