5 months ago
ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއި ކޮށްފިއެވެ.
ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ ސަމޯއާ އެގްރިމަންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހުއެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީއެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން އޯއޭސީޕީއެސް ގެ މެންބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް ވިދާޅުވެއެވެ.
މި އެއްބަސްވުމަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން 6 ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެ 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޑިވެލޮޕްމަންޓް، ޕީސް އެންޑް ސެކިއުރިޓީ، އިކޮނޮމިކް ގްރޯތް، މައިގްރޭޝަން އެންޑް މޮބިލިޓީ އަދި ކްލައިމެޓް ޗޭންޖެވެ.
1975 ވަނަ އަހަރު ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާ،ާ އޯއޭސީޕީއެސް މެންބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ 9 ގައެވެ.