ބްރޫނާއީގައި ތަމްރީނުވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް

3 months ago

އަފްރާހް

ބްރޫނާއީގައި ތަމްރީނުވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިއްޖެއެވެ.


މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ މިއީ ބޭރު ގައުމުތަކުގައި އިސްލާމްދީނުގެ ދާއިރާއިން ތަމްރީނު ހޯދުމުގެ ފުރުޞަތުގެ ދަށުން ލިބުނު ފުރުސަތެއް ކަމަށެވެ.


އެގޮތުން ބުރުނާއީގައި ރާއްޖޭގެ 20 އިމާމަކު ތަމްރީނު ވުމަށް މިމަހުގެ މެދުތެރޭ ފުރާނެކަން ހާމަކުރައްވައި، ވިދާޅުވީ އެ އިމާމުން ފުރާނީ މި ޖުލައި މަހުގެ 15 ގައި ކަމަށެވެ. އަދި އިމާމުން ތަމްރީނުތައް ހަދާނީ ބުރުނާއީގެ ގައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް ވެސް ވިދާޅުވިއެވެ.


 


ރާއްޖެއާއި ރާއްޖެއިން ބޭރުން އިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.


މި މަޝްރޫއުގެ ދަށުން ސަޢުދީ ޢަރަބިއްޔާއާއި މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން އިމާމުންނާއި ޚަތިބުންގެ ތެރެއިން 20 މީހަކު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ސަޢުދީ ޢަރަބިއްޔާ އަށް ގޮސްފައެވެ. އަދި މެއި މަހު ވެސް ވަނީ 18 މީހަކު ސަޢުދީއަށް ގޮސް ތަމްރީނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު