ޗާރޓެޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސްކޮލަރޝިޕަށް ހުޅުވާލައިފި

3 months ago

އަފްރާހް

'ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ސްކީމް 2024' ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނަލް ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް 100 ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. އަދި މި ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1 ޖަހަންދެން ކަމަށެވެ.


މި 100 ފުރުސަތު ބަހާލެވިފައިވަނީ ދެބަޔަަކަށް ކަމަށާއި އެގޮތުން ފުރަތަމަ ކެޓަގަރީއަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތުކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ކެޓަގަރީއަކީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތު ކަމަށް ވިދާޅުވެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ސްކޮލަރޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް ކަމަށެވެ.


މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުމާއި CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން ހިމެނެއެވެ. އަދި އެ މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން ވެސް ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައެވެ.


މީގެއިތުރުން އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމާއި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.


މި ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv މެދުވެރިކޮށެވެ. 


ކިޔުންތެރިންގެ ހިޔާލު