އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހާއްސަ އިލްތިމާސެއް!

3 months ago

އަފްރާހް

ރާއްޖޭގައި ރޯގާ އާންމުވަމުންދާ މި ދަނޑިވަޅުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.


އެ ވުޒާރާއިން ވަނީ މި ދަނޑިވަޅުގައި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިސްތިމާސް ކުރައްވާފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އިރުޝާދުތަކެއް ވެސް ވަނީ ދެއްވާފައެވެ.


އެގޮތުން ހާސްކަމާއި ނުތަނަވަސްކަން އިހުސާސްކުރެވޭނަމަ، އެހެން ފަރާތަކާ އިހުސާސްތައް ހިއްސާކުރުމަށް ނަސޭހަތްތެރިވެލައްވައެވެ. އަދި އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އަޅައިލާ، އެކަކު އަނެކަކުގެ ވާހަކަތައް އަޑުއެހައި، މަޑުމައިތުރިކަމާއެކު މުއާމަލާތުކުރުމަށް އިރުޝާދު ދެއްވައެވެ.


މީގެއިތުރުން އެހެން މީހުންނާ ގުޅިގެން އުޅުމަށާއި ކަންކަމުގައި މަޝްޣޫލުވެ އުޅުމަށް މަސައްކަތްކުރުމަށް އެދިލައްވައެވެ. އަދި އެއްވެސް ފަރާތެއް ބާކީވާކަމުގެ އިހުސާސް ވިޔަ ނުދިނުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ހަމަމިއާއެކު ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް (ޢާއިލާގެ ނުވަތަ ރައްޓެހިންނަށް) އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިލައްވާފައެވެ. އަދި ރޯގާ ނުވަތަ ބަލިތައް ފެތުރުން އާންމުވަމުންދާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.


އެ ވުޒާރާ އިން އިތުރަށް އިރުޝާދު ދެއްވަމުން ވަނީ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް، ބަލި ފެތުރުން މަދުކުރުމަށްޓަކައި ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުމަށް ވެސް އެދިލައްވާފައެވެ. އަދި ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުމާއެކު، ބަލީގެ ނުވަތަ ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފުލޫ ކްލިނިކަށް ޒިޔާރަތްކުރުމަށް ވެސް އިރުޝާދު ދެއްވާފައި ވެއެވެ.


އެ ވުޒާރާ އިން ވަނީ މިފަދަ ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ހަނދާންކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު