ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި މިހައިތަނަށް 331 ކުދިން ކިޔަވައިފި

3 months ago

އަފްރާހް

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި މިހައިތަނަށް 331 ކުދިން ކިޔަވައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ޖޫން 30 ވަނަ ދުވަހުން ފެށިގެން ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ކިޔަވާފައިވާ އަދަދު ކަމަށެވެ.


އެ މިނިސްޓްރީން އާންމުކުރެއްވި ތަފާސް ހިސާބަށް ބަލާއިރު، ކިޔަވާފައިވަނީ ބަލައިގެން ކިޔެވުމުގެ ބައިން 164 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ބައިން 167 ދަރިވަރުންނެވެ.


ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ކަަމަށް ވަނީ ހާމަކުރައްވާފައެވެ.


މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކާއި ހާފިޒުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.


މިއަހަރުގެ މުބާރާތުގެ ކިޔެވުން ސަލްމާން މިސްކިތުގެ ދެ ހޯލުގައި ކުރިއަށްދާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕޮސް ހޯލުގައެވެ.


ތިން ދަންފަޅިއަކަށް ބަހާލައިގެން ކިޔެވުން ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު 12 އަށް އަދި ހަވީރު 4 ން އިރުއޮއްސްި 6 އަށާއި ރޭގަނޑު 8 ން 10:30 އަށް ކިޔެވުން ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުއެވެ.


އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖައާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހުއެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލް ކުރެވިފައެވެ.


މީގެއިތުރުން މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަނީ އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކޮށްފަފައެވެ.


ހަމަމިއާއެކު މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.


މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު

ޚިޔާޅު

މި މުބާރާތް ދއްކަނީ ކޮން ޗެނަލަކުންތޯ؟

3 months ago