ފުރަތަމަ ބުުރުގައި އާސަންދައިން އައިވީއެފް ހަދާ މީހުން ކަނޑައަޅައިފި

3 months ago

އަފްރާހް

އާސަންދައިން ފުރަތަމަ ބުުރުގައި އައިވީއެފް ހަދާ މީހުން ކަނޑައަޅައިފިއެވެ.


ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރައްވާފައިގޮތުގައި އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް މިއަހަރު ނިންމާފައިވަނީ 100 ދެމަފިރިންނަށެވެ.


އެންސްޕާ އިން ވިދާޅުވީ މެއި 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅި 153 ފަރާތްތަކުގެ ތެރެއިން "'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ކަމަށެވެ.


ފުރަތަމަ ކަނޑައެޅި ފަރަތްތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާއި ގުޅޭގޮތުން އެ އެޖެންސީިން އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މެއި 15 ވަނަ ދުވަހުގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފައިވާކަން އެންސްޕާ އިން ފާހަގަކޮށްފައި ވެއެވެ.


މި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށް ވެސް އެ މުއްދަތުގައި އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެއެވެ.


އެންސްޕާ އިން އިތުރަށް ވިދާޅުވީ އާންމުކޮށްފައިވާ މީހުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 10 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޖުލައި 10ގެ ނިޔަލަށް ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށް، ޝާއިއު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭ ކަމުގައިވާނަމަ، މުރާޖައާ ކުރެވިފައިވާ ލިސްޓު މި މަހުގެ 15 ވާ ހޯމަ ދުވަހު ގައި ޝާއިއުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު