5 months ago
"ވާނުވާ" ބަންދުގައި 350 އަށްވުރެ ގިނަ މީހުން މިހާރުވެސް އެބަތިބި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އެ އޮފީހުގެ މަސައްކަތާއި ގުޅޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ދެއްވަމުން ޝަމީމު ވިދާޅުވީ މިވަގުތު ވެސް 350 އާއި 400 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމާއި ގުޅޭގޮތުން މެންބަރުން ސުވާލުކުރެއްވުމުން ޕީޖީ ޝަމީމް ވިދާޅުވީ "ވާނުވާ" ބަންދުގެ މައްސަލައަށް ބަލާއިރު، ޕީޖީ އޮފީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދެނީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
ވާނުވާ ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން އެދޭ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން ހިމެނެއެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނާއި ފުލުހުން ދޭ މައުލޫމާތަށް ބިނާކޮށް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކާއި ގުޅުން އޮންނަ މީހުން ވެސް ހިމެނެއެވެ.
މީގެއިތުރުން މުޖުތަމައަށް ނުރައްކަލެއް ކަމަށް ބެލެވޭ މީހުން ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ބޭތިއްބުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރު މައްސަލަތަކުގައި ބަންދުގައި ބޭތިއްބުމަށް ޕީޖީން ނޭދޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެކަމަކު މިފަދަ މައްސަލަތަކުގައި ވެސް އެވްރެޖުކޮށް މަހަކު 16 މީހުން ވާނުވާ ބަންދަށް ޖަހާކަން ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ.
ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އެމަނިކުފާނުގެ މިއަހަރު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.