ވެލިދޫ މަގު ހެދުމުގެ ބޮޑުބައި ނިމިއްޖެ

3 months ago

އަފްރާހް

ނ. ވެލިދޫ މަގު ހެދުމުގެ ބޮޑުބައި ނިމިއްޖެ ކަމުގައި ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރައްވައިފިއެވެ.


އެ ކުންފުނިން ހާމަކުރެއްވިގޮތުގައި އެ މަޝްރޫއުގެ 75 އިންސައްތަ މިހާރުވަނީ ނިމިފައެވެ.


88,540,833.87 ދިވެހިރުފިޔާގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުއެވެ.


މި މަޝްރޫއުގެ ދަށުން އެރަށުގައި 5.7 ކިލޯ މީޓަރު ދިގު މިނުގައި މަގުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ. އެގޮތުން 11 މަގަކާއި މަގަކަށް އިތުރުކުރެވުނު ބައެއް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.


އާރްޑީސީން ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް މިހާ ހިސާބަށް އައިއިރު ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއަތައް އެޅުމާއި ކާރބް ސްޓޯންޖެހުން ފަދަ މަސައްކަތްތަކުގެ 94 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ. އަދި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅޮތައް އެޅުމުގެ ވެސް 94 އިންސައްތަ ނިމިފައިވާ ކަމަށެވެ.


މީގެއިތުރުން ޕޭވިންގ ގެ 81 އިންސައްތަ އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް ނިމިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


ވެލިދޫގައި ތަރައްގީކުރަމުންދާ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވިފައިވާ ކަމަށް ވެސް އާރްޑީސީން ހާމަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު