5 months ago
ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 1000 އަށްވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާ އިން ވިދާޅުވީ މެއި 30 އިން ޖުލައި އެއްވަނަ ދުވަހުގެ ގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މިހައިތަނަށް ހިޔާ ޓަވަރުތަކުގެ 1015 ގެއަށް ޒިޔާރަތް ކުރެވި އެއްކުރެވުނު މައުލޫމާތުތަކުން ފާހަގަކުރެވިފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައްކަން ފާހަގަކުރެއްވިއެެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ފާހަގަކޮށްފައިވާކަމަށް ވިދާޅުވެއެވެ.
މީގެއިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމާއި ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ވެސް ފާހަގަކޮށްފައިވާ ކަަމަށް ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާއިގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ގެންދަވަނީ ވަރަށްގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މިނިސްޓްރީން ގެންދަވަނީ ކަމާއިގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.
އެގޮތުން ވޭތުވެދިޔަ ހަފުތާގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެއެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަވަސް އެހީތެރިކަން ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެއެވެ.
މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވެސް ކެނޑިނޭޅި ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.
މާލެ އާއި އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ކުރިއަށް ދާއިރު، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށާއި، މިނިސްޓްރީގެ ޓީމުތަކަށް ރައްޔިތުންގެ ގެތަކުން ކިޔާ ހޫނު މަރުހަބާ އުފަލާއެކު ފާހަގަކޮށް ހުރިހާ ރައްޔިތުންނަށް ވެސް އެކަމަށްޓަކައި މިނިސްޓްރީން ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބެލުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ، ބާރުއެޅުމަކީ ވެސް މަގުސަދެކެވެ.
ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތެއް ހުރިކަމުގައި ވާނަމަ، މިނިސްޓްރީގެ ކޯލްސެންޓަރ 1433 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިލައްވައެވެ.
ސ.
ހާލު ކިހިނެއްތޯ ބަލަންވެސް ދާންވީ މާލޭގައުޅޭ މީހުންކައިރިއަށްތޯ؟ ރާއްޖެތެރޭގައިއުޅޭ މީހުން އުޅެނީ މާދަތިހާލުގަ.
5 months ago