ދާންބޭނުންވާ މަންޒިލަށް ދެވެންދެން ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރަންވާނެ: ރައީސް

3 months ago

އަފްރާހް

ދާންބޭނުންވާ މަންޒިލަށް ދެވެންދެން ނުގުޑާފަދަ ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކުރަންވާނެ ކަމަށެވެ. އަދި އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރަންވާނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި އެސެމްބްލީގައި ރައީސް ވަނީ މަތީ ސާނަވީ މަރްހަލާގެ ކިޔެވުމަކީ އުމުރުގައި ދެވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މަތީ ސާނަވީ ތައުލީމަކީ މުސްތަގްބަލު ބައްޓަންކުރުމަށާއި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގައިި ވެސް ހުންނަން ވާނެ ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ޚިދުމަތަށް އިސްކަންދިނުމަށް ވެސް ބާރު އަޅުއްވާފައެވެ.

މި އެސެމްބްލީގައި އެމަނިކުފާނުު ވަނީ 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ސީ.އެޗް.އެސް.ސީގައި (އޭރުގެ އެސް.އީ.ސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް ވެސް އައުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު