ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަހުމީ

3 months ago

އަފްރާހް

ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރިހައި މުވައްޒަފުންގެ ފިކުރަކީ ވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމައިލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެމްޑީ ވިދާޅުވީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއިއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސްޓެލްކޯއަކީ ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއް ކަމަށެވެ.


މީގެއިތުރުން ކުންފުނީގެ ހުރިހައި ސްޓޭޝަން މެނޭޖަރުން ވެސް މި ހިންގުނު ޑެވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެމަގަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އަބަދު ވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.


މީގެއިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދު ވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އެމްޑީ އިތުރަށް ވިދާޅުވީ ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި އެ ބަދަލަކީ މިއަށްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން ކަމަށެވެ. އަދި އެ ކުރިއެރުންތައް ހޯދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


" އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ." އެމްޑީ ވިދާޅުވިއެވެ.


ސްޓެލްކޯގެ އެމްޑީ ވިދާޅުވީ އެ ބަދަލުތައް މުސްތަގުބަލުގައި ފެންނަންވާނެ ކަމަށާއި ދުރުނޫން މުސްތަގުބަލެއްގައި އެބަދަލުތައް ކުންފުންޏަށް އަންނަތަން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.


ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖަރސް ގެ ނަމުގައި ޖޫން 30 އިން ޖުލައި 4 އަށް ޖުމްލަ 5 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ.


މި މަހާސިންތާގައިވަނީ ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" ވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. 351 ސަފްހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފްތިތާހު ކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.


މި ފޮތުގައި ކުންފުނީގެ ޚިދުމަތުގެ ތާރީހާއި، ތަސައްވުރާއި، އަމާޒާއި އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.


މި މަހާސިންތާގައި ވަނީ ލީޑަރޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންނާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު