ސްޓެލްކޯގެ ކޭބަލް ވަގަށްނެގި މައްސަލައިގާ ދިވެހި ފިރިހެނެއް ހައްޔަރަށް

3 months ago

އަފްރާހް

ސްޓެލްކޯގެ ކޭބަލް ވަގަށްނެގި މައްސަލައިގާ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ މިހާރުގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މަޖީދިއްޔާ ސްކޫލުކައިރީ ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިޔުމުގެ ސަބަބުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ. ނަމަވެސް ސްޓެލްކޯގެ މަސައްކަތުން އެ މައްސަލަ ހައްލުކޮށް، މާގިނަވަގުތެއް ނުނަގާ ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.


މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ.


މީގެއިތުރުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓު ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަ ވެސް ފެންމަތިވެފައިވާއިރު، މިތަކެތި ވަގަށް ނަގައި 'ބްލެކް މާކެޓް' ގައި ދަނީ ވިއްކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު