ބ. މާޅޮހު އައު ހާބަރ ބޭސިން ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ

3 months ago

އަފްރާހް

ބ. މާޅޮހު އައު ހާބަރ ބޭސިން ފުންކުރުމުގެ ބޮޑުބައި ނިމިއްޖެއެވެ.


އެމްޓީސީސީން ވިދާޅުވީ އެ ރަށު ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ނިމިފައިވާ ކަމަށެވެ.


މީގެއިތުރުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.


މި މަޝްރޫއުގެ ދަށުން 7,512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 36,527 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 882 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމަށް ވެސް ވަނީ ނިންމާފައެވެ.


މީގެއިތުރުން 370 މީޓަރުގެ ބޭރުތޮށި ލުމާއި 376 މީޓަރުގެ ގްރޮއިން ޖެހުމާއި 266 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވެސް ނިންމާފައި ވެއެވެ.


އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގައި ރޭމްޕެއް ހެދުމާއި 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ވެސް ހަމަޖެހިފައި ވެއެވެ. އަދި 1475 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.


މިއީ 69.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު