ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ސާމްޕަލް ނަގައި، ޓެސްޓު ކުރަނީ

5 months ago

އަފްރާހް

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާމްޕަލް ނަގައި، ޓެސްޓު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ މެއި 16 ވަނަ ދުވަހު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއެވެ.


މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖެއަށް އެތެރެކުރެވޭ ފަތްޕިލާވެލީގެ ބާވަތްތަކާ މޭވާއާއި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމަށެެވެ. އަދި ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށެވެ.


"ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ތަފާތު ކެމިކަލްތައް ދަނީ ބޭނުން ކުރަމުން. މި ބާވަތްތަކުގައި ކެމިކަލް ހުރި މިންވަރު ރާއްޖޭގައި ޓެސްޓް ކުރެވޭވަރު މަދު." މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން ހެލްތު މިނިސްޓަރ ވަނީ މި ބާވާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓުކުރަން ޖެހުނަސް އެކަން ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.


މިއީ ރައްކާތެރި ކާބޯތަކެތި ދިވެހިންނަށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއއިްޒު ގެންގުޅުއްވާ ސިޔާސަތަށް ލިބޭ ބޮޑު ބާރެއްކަމުގައި ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު