ރާއްޖެއަށް އެއްބާރުލުން ދިނުމުގައި ސައުދީ އަބަދުވެސް އޮންނާނެ

5 months ago

އަފްރާހް

ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީީންކަން ސައުދީ އަރަބިއާ އިން ދީފިއެވެ.


މިޔަގީންކަން ދެއްވާފައިވަނީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެއި 16 ވަނަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން މިފަހުން ރައީސް އަދި އެ މަނިކުފާނާއެކު ޢުމްރާގެ އަޅުކަމަށް އެގައުމަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތައް އިތުރަށް ފުޅާކުރުމާމެދު ދެބޭފުޅުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.


ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ ވަނީ ރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު