ފަރެސްމާތޮޑާގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގެ ލިސްޓެއް ނައިބު ރައީސް އަށް

3 months ago

އަފްރާހް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތި މައްސަލަތައް ނައިބު ރައީސް އާ ހިއްސާ ކުރައްވާފައެވެ.


އެގޮތުން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުމާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ހިމެނެއެވެ.


މީގެއިތުރުން އެރަށުން އިތުރު ގޯތި ދިނުމާއި ސިނާއީ ބޭނުންތަކަށް ބިން ހިއްކަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުގައި ނައިބު ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު