ޗައިނާ އޮންނާނީ ރާއްޖޭގެ ތަރައްގީ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން

5 months ago

އަފްރާހް

ޗައިނާ އޮންނާނީ ރާއްޖޭގެ ތަރައްގީ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ކަމުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން ވިދާޅުވެއްޖެއެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްބެސެޑަރ ވަނީ ދަރަނީގެ ދަންތުރަކީ ޗައިނާއާ ދެކޮޅަށް ގެންގުޅޭ އެޖެންޑާއެއް ކަމަށާއި އެކަން ދިވެހިން ގަބޫލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ އޮންނާނީ ރާއްޖޭގެ ތަރައްގީ އަށް އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭން ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.


މީގެއިތުރުން އެކަނަމާ ވިދާޅުވީ އޭގެ ބަދަލުގައި އެދޭ ކަމަކީ ރާއްޖެއަކީ ކުރިއަރާފައިވާ ތަރައްގީ ގައުމަކަށްވުން އެކަނި ކަމަށެވެ. އަދި ކޮމަރޝަލް މަޝްރޫއުތަކާއި އެ ނޫން މަޝްރޫއުތައް ވެސް އެގައުމުން ރާއްޖޭގައި ހިންގަނީ ގިނަ މަޝްވަރާތަކެއް ދެ ގައުމުގެ މެދުގައި ކުރުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.


"ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވިއެވެ.


އެގައުމުގެ އުއްމީދަކީ ރާއްޖެއަކީ އެހެން ގައުމުތަކުގެ މާލީ އެހީތެރިކަން އެދެން ނުޖެހޭ ފަދަ ގައުމަކަށް ވުން ކަމަށް ވެސް އެމްބެސެޑަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވުމަކީ އެގައުމުން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންވެ، ރާއްޖޭގެ ދަރަނި އިތުރަށް ބޮޑު ނުވާނެ ގޮތަކަށް ޢަމަލު ކުރުމަކީ ޗައިނާގެ ސިޔާސަތުކަން ވެސް ފާހަގަކުރެއްވިއެވެ.


ޗައިނާ އެމްބެސެޑަރ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއްވެފައިވާ ކަމަށާއި ކުރިއެރުމާއި ތަރައްގީ އަށް ރައްޔިތުން ވެސް ވަރަށް ގިނަ ކަންކަން ބޭނުންވާ ކަން ފާހަގަ ކުރައްވާފައެވެ.


އެހެންނަމަވެސް ހުރިހައި ކަމަކީ ޗައިނާ އަށް ފަންޑުކޮށް ދެވޭނެ ކަންކަން ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އަށް މި ވަގުތު މުހިންމީ ދެމެހެއްޓެނެވި ތަރައްގީއެއް ގެނައުން ކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު