ޒަކާތުގެ މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހު ދަރުސް ބާއްވަނީ!

5 months ago

އަފްރާހް

ޒަކާތުގެ މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހު ދަރުސް ބާއްވަން ނިންމާއިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޚުތުބާގެ އިތުރުން މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.


އެގޮތުން މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ދަރުސްތަކުގެ މަގްސަދަކީ މުޖުތަމައުގެ ތެރޭގައި އިޖްތިމާއީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއެޅުން ކަމަށެވެ. އަދި މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.


މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ އިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށް ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު