މުދަލަކީ ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން: ހުތުބާ

5 months ago

އަފްރާހް

މުދަލަކީ އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


ހުތުބާގައި ވަނީ މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހޭކަން ހަނދުމަކޮށްދީފައެވެ. އަދި ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭކަން ވެސް ހަނދާންކޮށްދިފައި ވެއެވެ.


މުދަލު ޒަކާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހުކުރު ހުތުބާގައި ބުނީ މާތް الله ގެ މަގުގައި ހޭދަކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމަކީ ކުރަންޖެހޭ ކަންކަން ކަމުގައެވެ. އަދި ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމަކީ ވެސް ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމަށެވެ.


މީގެއިތުރުން މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމަށާއި ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެކަން ހަންދާންކޮށްދީފައި ވެއެވެ.


މުދަލަށް ލޯބިކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެެއް ކަމަށާއި މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، މާތް الله ގެ މަގުގައި ހޭދަކުރަން ޖެހޭކަމަށް ވެސް ހުތުބާގައި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު