ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނަން: ރައީސް

5 months ago

އޮއިވަރު

ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ވަނީ ކުޑަކުދިންނަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.


އެގޮތުން ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކުޑަކުދިންނަށްޓަކައި ކޮށްދެއްވުމަށް އެރަށްރަށުން އެދިލައްވާ ކަންކަން ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެކަމުގައި ފާހަގަކުރައްވާފައިވެއެވެ.


މީގެއިތުރުން މި ނޫންވެސް ކުޑަކުދިންނަށްޓަކައި، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރީންނާއި ސަހަރޯވެރީން ކުރައްވާ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވައި، އެކުގައި މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


މިޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ ގެ "ހައްތާވެސް ދަރީންނެވެ" ވާހަކައިން ލިބިދޭ ޢިބްރަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.


އެގޮތުން މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީ ވެސް ދަރިއެއްކަމުގައި ދެކި، އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުންކަން ފާހަގަކުރައްވައި، އެކަމަށް އެންމެން ވެސް ވިސްނައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ރައީސް ބާރުއަޅުއްވާފައިވެއެވެ.


ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ފަލަޞްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ ކުޑަކުދިންގެ ހަދާންތައް އާކުރައްވައި، އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށާއި އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުޑަކުއްޖަކަށް ކީރިތިﷲ ގެ ރަޙްމަތް އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.


ރައީސްގެ ޚިޠާބު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރުމަށް ދިވެހި ރައްޔިތުންނަށް ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު